މާޒީގެ ޞަފުޙާތައް އުކާލާއިރު ފެންނަނީ ފޮތްދަބަސް ހިފައިގެން ސުކޫލަށް ގޮސްފައި އައިސް ތެލިތައް ހިފައިގެން ގޮނޑުދޮށަށް ދާ މަންޒަރެވެ. އޭރުވެސް ކުދިން ކިޔެވިއެވެ. ތަޢުލީމު އުނގެނުނެވެ. ހިތްވަރާއެކު މަސައްކަތްކޮށް ރަނގަޅު ނަތީޖާ ހޯދިއެވެ. ސްކޫލު ފެންވަރުގައެވެ. ރަށުފެންވަރުގައެވެ. އާއިލާ ފަޚުރުވެރިވާ ފަދަ ވަނަތައް ޙާޞިލް ކޮށް ރާއްޖެއިން ބޭރުން އުނގެނުމުގެ ފުރުޞަތު ހޯދި އެތައް ދަރިންނެއް މި ފަސްގަނޑުގައި އެބަތިއްބެވެ. ބުނަން މިއުޅޭ ވާހަކަޔަކީ އޭރު ހަމަ އެކަނި ކިޔަވަން ފޮތްތައް ކިހިލި ޖަހައިގެން އުޅުނީއެއްނޫނެވެ.
އޭރުގެ ކުދިންވެސް ކިޔެވީއެވެ. މިހާރުގެ ކުދިންވެސް ކިޔަވަނީ އެވެ. އުނގެނެނީ އެވެ. ނަމަވެސް އޭރުގެ ކިޔެވުމާއި މިހާރު ކިޔަވަން އުޅޭގޮތާއި އުޑާއި ބިމާހާ ތަފާތެވެ. އޭރުގައި ކިޔެވި ކުދިން ސުކޫލުގައި ގިނަ ފިލާވަޅުތައް ނިންމައެވެ. މުދައްރިސުން ދައްކަވާ ވާހަކަ ކަނުލައި އަޑުއަހައި ބުނާ އެއްޗިހި ދޭހަ ކުރެއެއެވެ. ފިލާވަޅުތައް ނުނިންމާ ގެއަށް އައިސް އިތުރަށް އެކަމުގައި އުޅޭކަށް ނުޖެއެވެ. ގެއަށް އައުމަށް ފަހު ދެން ކުރަނީ ގޭގެ މަސައްކަތެވެ. އަންހެން ކުދިން ނަމަ މަންމައަށް އެހީތެރިވުމުގައި އުޅެއެވެ. ފިރިހެން ކުދިންނަމަ ފަރުމަތިން، ތުނޑިމަތިން، ބޯޅަދަނޑުން ނޫނީ އެއް ގަހުން އަނެއްގަހަށް އަރަމުން ދުވާނެއެވެ.
ކުރީގައި ކިޔެވި ކުދިން މިހާ މިނިވަން ކަމާއެކު އުޅުނު ނަމަވެސް މިހާރު މަންޒަރު ބަދަލުވެއްޖެއެވެ. މިޒަމާނުގެ ކުދިން ސުކޫލު ނިންމާފައި އައިސް ދެން ފަށާނީ ޓިއުޝަނެވެ. ޓިއުޝަންތައް ނިމުމުން ލޮލަކަށް ނުފެންނާނެއެވެ. އެއީ ގޭގައި އުޅޭ ކުދިބައެއް ކަމެއްވެސް ނޭނގޭނެއެވެ. ގިނަ ފަހަރަށް ކާއެތިކޮޅު ވެސް މަންމަ ޖެހޭނީ ތައްޓަށް އަޅާފައި ކޮޓަރިއަށް ވައްދާށެވެ. އަދި އެކައި ހުސްކުރާ ތަށިވެސް ދޮވެލުމަކީ މިހާރުގެ ކުދިންގެ ކިޔެވުމަށް ބުރޫ އަރާ ކަމަކަށް ވެއެވެ. އެހެން ކަމުން އެ ތަށިވެސް ދޮވެދޭނީ މަންމައެވެ.
މި ގޮތަށް ކަންތައް މިވަނީ ހަމައެކަނި ދަރިވަރުންގެ ސަބަބުންނެކޭ ބުނެވޭކަން ނެތެވެ. މިކަމުގައި މަންމަ ނޫނީ އެކުއްޖަކު ގެންގުޅޭ ބެލެނިވެރިޔަކުވެސް އިހުމާލުވެއެވެ. އުނގެނުމަކީ ހަމައެކަނި ފޮތްބަޔަކުން ކުރާކަމެއް ނޫނެވެ. ޢިލްމާއެކު ޙިލްމާ ހުނަރުވެސް ބޭނުންވެއެވެ. މުޖުތަމަޢަށް ފައިދާވާނެ ދަރިންތަކެއް ބިނާކުރެވޭނީ އޭރުންނެވެ. އެހެން ނޫންމަ މުޖުތަމަޢުގައި އިޖުތިމާޢީ ބަލިމަޑުކަމެއް ފެތުރިދާނެއެވެ. ފެތުރިދާނެ އެއްނޫނެވެ. ފެތުރެމުން އެބަ ދެއެވެ. ވިސްނާލައިފި ކޮންމެ ފަރާތަކަށް މިކަމުގެ ޖަވާބު ފެންނާނެއެވެ.
ތައުލީމު ޙާޞިލު ކުރަނީ މަސައްކަތުގެ މައިދާނަށް ނުކުންނާށެވެ. ލިބިފައިވާ ތަޢުލީމުގެ ބޭނުން ހިފައި ޤައުމު ބިނާކުރާ މީހަކަށް ވުމަށެވެ. މި ދައުރު އަދާކުރެވޭނީ ހަމަ އެކަނި ޓޮޕްޓެން އަށް އަރައިގެނެއް ނޫނެވެ. ޓޮޕްޓެންގެ އިނާމު ހިފައިގެން ނުކުންނައިރު ހުންނަންވާނީ އެ ޢިލްމާ އެއްވަރަށް ހުނަރު ވެސް ލިބިފައެވެ. ޖަމާއަތުގައި ދިރިއުޅެން ދަސްވެފައެވެ.
ދާދި ފަހުން ދިމާވި ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. އަދާ ކުރަން ޖެހެނު ވަޒީފާގެ ގޮތުން ތިން ދުވަހުގެ ކުރު ކޯހެއް ހަދަން ލިބިއްޖެއެވެ. މީގައި ދަސްކޮށްދެނީ ތަފާތު ހުނަރުތަކެވެ. މުޖުތަމަޢުގައި ކޮންމެހެން ބޭނުންވާނެ މުހިއްމު ބައިތަކެވެ. ގުރޫޕު ތަކަށް ބަހައިގެން ބޭއްވި މި ކޯހުގައި ކެއްކުމާއި ފެތުމާއި އަދި މިނޫންވެސް ދިރި އުޅުމަށް ބޭނުންވާ މުހިއްމު ހުނަރު ލިބިފައިވާ މިންވަރު ބެލިއެވެ. އެގޮތުން ގްރޫޕް ބެހި އިރު އަޅުގަނޑަށް ލައްވާލީ ހަތަރު މީހުން އެކުލެވޭ ގުރޫޕެކެވެ. އަޅުގަނޑުގެ އިތުރުން ބާވީސް އަހަރުގެ އަންހެން ކުއްޖަކާއި ޒުވާން ދެ ފިރިހެނުން ގުރޫޕުގައި ހިމެނުނެވެ. ގްރޫޕު އެންމެންވެސް ވަރަށް އެކުވެރި މާހައުލެއްގައި ކުލާސްތަކުގައި ބައިވެރިވެ މަސައްކަތްތައް ފުރިހަމަ ކުރަމުން ގެންދިޔަ އެވެ. އެއް ކަމެއް ފިޔަވައެވެ. ގުރޫޕަށް ހަވާލު ކުރެވޭ މެނޫ އަށް ކެއްކުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހެނީ އެކަންޏެވެ. މިހެން ދެންނެވިޔަސް ގުރޫޕުގައި ތިބި ފިރިހެން ދެ ޒުވާނުން އައިސް ކޮންކަމެއްތޯ ކޮށްދޭންވީ ބަލައެވެ. އަދި ބޯފެން ގެނެސްދީ އުފުލަން ޖެހޭ ބަރު ތަކެތި އުފުލައިދީ ހަދައެވެ.
މި ގޮތަށް ކޯސް ކުރިޔަށް ދިޔަ ދުވަހަކު މެންދުރަށް ދިވެހި ކެއުމެއް ތައްޔާރު ކުރަން ޖެހިއްޖެވެ. ގަރުދިޔައާއި ބަތާ އަލަޔާއި ހުނި އަދި މިރުސްވެސް ތައްޔާރު ކުރީމެވެ. މެންދުރު ކެއުމަށްފަހު ދެން އޮންނަ ގަޑިއަށް ދާން ލަސްވެދާނެތީ ގުރޫޕުގައި ދެން ހުރި އަންހެން ކުއްޖާ ގާތު ފިޔާ ކޮޅަކާއި ލުނބޯ ކޮޅެއް ކޮށާލަން ބުނީމެވެ. ކެއްކި އެއްޗިހީގެ ރަހަ ދައްކަން ގެންދަން ޖެހޭތީ އަވަސް އަވަހަށް ތަށިތައްޓަށް އެއްޗިހި އަޅަން ބަލާލި އިރު ލުނބޯ ހުރީ ތުނިތުނިކޮށް ވައްފޮއްޗަށް ކިޔުކަންބާ ކޮށާ ގޮތަށް ކޮށާލައިފައެވެ. ފިޔާވެސް ހުރީ ވައްފޮއްޗައް ތުނިކޮށް ކޮށައިފައެވެ. އަޅުގަނޑު ހަމަ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގި ހުރެވުނެވެ. ދެރަވެގެން ލޮލުން ކަރުނަވެސް ހިލުނެވެ. އެ މަސައްކަތް އަލުން އަޅުގަނޑަށް ކުރަން ޖެހުނީމައެވެ. ކުލާހަށް ދާން ގަޑި ޖެހޭއިރު ތައްޔާރު ނުވެ ހުރެވުނީމައެވެ. އެންމެ ބޮޑަށް ހައިރާންވީ އުމުރުން ބާވީސް އަހަރުވީއިރު ބަތްކާން މި ފަޅާފައި ހުންނަ ލުބޯވެސް ނުފެނުނީމައެވެ. ފެނުނުނަމަ އެ ލުނބޯ ހަތަރު ފަޅި އަށް ބުރިކޮށްލަން އެނގުނީސްކަން ކަށަވަރެވެ.
މި ދެންނެވީ މުޖުތަމަޢުގައި ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަގަމުންދާ ޒުވާން އަންހެން ބޭފުޅެއްގެ ވާހަކެއެވެ. މިއީ އަޅުގަނޑުމެންނަށް އުމުރުން ހަތްއަހަރު ފުރުނު އިރު ދަސް ވެފައި ހުރި ކަންތައްތަކެވެ. ލުނބޯ ފެޅުމުގެ ވާހަކައިން މިސާލު ނެގިނަމަވެސް މިފަދަ ކިތައް ކިތައް ކަންތައް ހުންނާނެ ހެއްޔެވެ؟
ދަންނަވަން މި އުޅެނީ ޢިލްމު އުނގެނުމަކީ ހަމަ އެކަނި ފޮތުން ކިޔެވުމެއްނޫނެވެ. ޢިލްމާއެކު ޙިލްމުވެސް ލިބެންޖެހެއެވެ. ހަމަ އެކަނި ޓޮޕްޓެންގެ ވަނަ ތަކެއް ޙާޞިލް ކޮށް ޑޮކްޓަރުކަން ކިޔަވަން ފޮނުވުމަކީ ދަރި ވަރަށްވެސް އެކަމުން ހިތި ތަޖުރިބާތަކެއް ކުރަން ޖެހިދާނެ ކަމެކެވެ. އެހެން ކަމުން ކިޔަވަމުންދާ ދަރިވަރުން މާޙައުލުވެސް ދެނެ ގަންނަން ޖެހެއެވެ. ދުނިޔެއަށް މި ޖެހޭ ވަޔާއި އޮޔަށް ހޭނެން ވެސް ޖެހެއެވެ. ތިމާއަށާއި މުޖުތަމައަށް ފައިދާވާނީ އޭރުންނެވެ. އެހެން ނޫނީ އިޖުތިމާޢި ބަލިމަޑުކަމެއްގެ ތެރޭގައި މި ޤައުމު ފީނަންޖެހިދާނެއެވެ.