ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފިއެވެ.

މި ދެތަން ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެ މަނިކުފާނު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީސް 2021 ވަނަ އަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ވެސް އިއްވަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފުގައި ގާތްގަޑަކަށް 6,680 އަށްވުރެ ގިނަ ލިޔުމާއި 1,529 ވީޑިއޯ އާއި 2,133 ފޮތާއި 10,000 އަށްވުރެ ގިނަ ފޮޓޯ ރައްކާކުރެވިފައިވެއެވެ.

މި ދެ ތަނުގެ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅުންހުރި ދުވަސްވީ ލިޔެކިޔުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ޤާއިމުކޮށްފައި ވަނީ މަޖިލިސްކުރާ ގޭގެ ދެކުނު ފަރާތުގައި އަލަށް ޢިމާރާތްކޮށްފައިވާ 13 ފަންގިފިލާގެ އިދާރީ ޢިމާރާތުގައެވެ. ކުތުބުޚާނާއާއި އަރުޝީފު ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތަންތަން ހުޅުވުނު ތާރީޚް ލިޔެފައިވާ ލިޔުންކޮޅު ހިމެނޭ ޚާއްޞަ ސްޓޭންޑް ވެސް އިފުތިތާޙް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.