ދިވެހި ފުލުހުންގެ ޚިދުމަތުގެ ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނަށް ހާއްސަކޮށްގެން ''ޗައިލްޑް ސޭފްގަރޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް'' ފަށައިފިއެވެ.

އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑީންގގައި މިއަދު ފެށި މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ފުލުހުން ބުނީ މި ވޯކްޝޮޕުގައި، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ ޕްރޮޓޮކޯލްސްތަކާއި ޕްރޮސީޖާތައް އޮންނަގޮތާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުށްކުރާ ކުދިންނާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ހެދިފައިވާ ގާނޫނުތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އާއިލާތަކާއި ކުށުގެ ވެށިން ގެނެވޭ ކުޑަކުދިންނާއި އަންހެނުންނާ މުއާމަލާތުކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި މިއަދު ކުރިއަށް ގެންދަނީ '' ޗައިލްޑް ސޭފްގަރޑިން ވޯކިންގ ޓުގެދަރ'' ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ތެރެއިން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނިސެފްގެ ފަރާތުން ކުރިއަށްގެންދާ އިބަމަ ޓްރެއިނިންގ ސެޝަންތަކެއްކަމަށްވެސް ފުލުހުން ބުންޏެވެ.

ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން، ސުޕްވައިޒަރީ ލެވެލްގައި އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 29 ފުލުހުން ބައިވެރިވެއެވެ.