ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ހަނިމާދޫގައި ކުރިއަށް ގެންދިޔަ ''ނިޔަމިކަމުގެ ސަނަދު 2'' ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކޯސް ނިންމުމަށް ފެބުރުވަރީ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަނިމާދޫ ކައުންސިލު ރައީސް އަބްދުއް ސައްތާރު ހަސަންއެވެ. މި ރަސްމިއްޔާތުގައި، ހދ. އަތޮޅު ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު، މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޗެއާމަން މުހައްމަދު އަސްލަމް އަދި ހާއްސަ މެހުމާނެއްގެ ގޮތުގައި ޑރ. ޢަބްދުއް ސައްތާރު ޔޫސުފް ބައިވެރިވެލެއްވިއެވެ.

މި ކޯހަކީ 2024 ވަނަ އަހަރު ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ވޯކް ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މެރިޓައިމް އިންސްޓިޓިއުޓްގެ މުދައްރިބުން ކިޔަވައިދެއްވި މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ސިއްހީ ފުރަތަމައެހީ، ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް އަދި ޗާޓް ވޯކްސްގެ ބައިތައް އުނގަންނައިދީފައިވެއެވެ.

މި ކޯހަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިނެތް މީހުން ވެސް ކަނޑު އުޅަނދު ދުއްވަމުންދާތީ އެ މީހުންނަކީ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ބަޔަކަށް ހެދުމަށާއި މާލެ ގޮސްގެން ނިޔަމިކޯސް ފުރިހަމަ ކުރުމުގެ ތަނަވަސްކަން ނެތް މީހުންނަށް ރަށުގައި ތިބެގެން މި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގި ކޯހެކެވެ.

ލައިސަންސް ނެގުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ނިޔަމި ކަމުގެ މިކޯސް ފުރިހަމަ ކުރުމުގެ ސަބަބުން ކޯސް ފުރިހަމަކުރި މީހުން ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ.

ފެބުރުވަރީ 5 އިން 7 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ހދ. އަތޮޅުގެ ތިން ރަށަކުން 28 މީހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.