ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޑިފެންޑާރ, އަލްފޮންސޯ ޑޭވިސް ގެނައުމަށް ރެއާލުން މަސައްކަތް ފަށައިފިއެވެ.
ސްޕެއިންގެ ނޫހެއް ކަމުގައިވާ މުންޑޯ ޑިޕޯޓިވާ ހާމަކުރި ގޮތުގައި, ޑޭވިސް އާއި ބަޔާނުގެ މެދުގައި އޮތް ގުޅުމަށް ރެއާލުން އަންނަނީ ފާރަލަމުންނެެވެ. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ޑޭވިސް އާއި ރެއާލްގެ މެދުގައި އަނގަބަހުގެ އެއްބަސްވުމެއް މިހާރު ވަނީ ވެފައެވެ.
ސްކައި ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މިހަފްތާގައި ބަޔާނުގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮފާ ފްރިއުންޑް އަދި ޑޭވިސްގެ އޭޖެންޓް ވަނީ ބައްދަލުވުމެއް ބާއްވާ, ޑޭވިސްގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެނޫހުން ބަޔާން ކުރިގޮތުގައި މިބައްދަލުވުމުގައި ޑޭވިސްގެ ކުރިމަގާ ބެހޭ ގޮތުން ޔަގީން ޖަވާބެއް ލިބިފަ ނެތް ކަމުގައިވިއަސް, މިސީޒަން ނިމުމުން ޑޭވިސް ރެއާލްއަށް ސޮއި ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ބަޔާނާއެކީ ޑޭވިސް ހަދާފައިވާ އެއްބަސްވުން ދެން އަންނަ އަހަރަށް ހަމަވެއެވެ. ޑޭވިސް އިތުރު އެއްބަސްވުމެއްގައި ސޮއި ކުރަން އެއްބަސް ނުވެއްޖެނަމަ, އެއްވެސް އަގަކާ ނުލައި އޭނާ ގެނައުމުގެ ފުރުސަތު ރެއާލްއަށް އެބައޮތެވެ.