އުތުރުގެ ހަތަރު އަތޮޅު ތަރައްގީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، ސަރަހައްދީ ތަރައްޤީ ގެނެސްގެންކަން ފާހަގަ ކުރެއްވިއެވެ. އަދި އުތުރުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރާއިރު ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބަލައިގެން ތަރައްގީކުރާނެކަމަށާއި، ހަމައެހެންމެ މެދުރާއްޖެ ތެރޭގައި 7 ސަރަހައްދެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްގީކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުގެ 4 އަތޮޅު ހިމެނޭ ތަރައްގީގެ ޒޯނުގެ ތެރޭގައިވެސް އާބާދީއާ އެއްފަސްކުރެވޭ އަދި އިސްކަންދޭ ރަށްތަކެއް ހިމެނޭނެކަމަށާއި، އޭގެތެރެއިން ހަނިމާދޫއަކީ ހާއްސަ އިސްކަމެއް ދެއްވާނެ އަދި ތަރައްގީގެ ސިޔާސަތުގައި ގިނަ ކަންތައްތަކެއް ހިމެނޭ ރަށެއްކަމުގައެވެ.

މިހާރު ފެށިގެން ކުރިއަށްދާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓު މިހާރު ތަރައްގީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫންކަމުގައެވެ. އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަނިމާދޫއާއި އަދި އިތުރު ދެރަށެއްގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުގައި ކުރިން ސޮއިކޮށްފައި އޮތީ ކުވޭތު ފަންޑުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތްކުރުމަށް ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫއު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ވިދާޅުވީ މި ސަރުކާރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން، އެވިސްނުމުގައި ކަމަށެވެ.