މަތީ ތައުލީމުގެ ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތުވާނީ ފަހިކޮށްދީފައި ކަމަށެވެ.

ކޮވިޑުގެ ސަބަބުން އިޤްތިޞާދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ ކަމަށާއި، ފުރަބަންދުގެ ހާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ޤައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައިވެސް، މަތީ ތަޢުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުސަތު ހުޅުވައިލާފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެ ޢަދަދު މިހާރު ވާނީ 770 އަށް އިތުރުކޮށްފައި ކަމަށެވެ. އަދި މި ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިއުލާން ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މި އިތުރުކުރި ލޯނުގެ ފުރުސަތުތަކަކީ، އިޤްތިސާދު އާރާސްތުކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުސަތުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި މިއީ ޒުވާނުން ބިނާކުރުމުގަޔާއި، ޤައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.