ލިވަޕޫލު ދޫކޮށް އެހެން ކްލަބަކަށް ދިޔުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށް ލިވަޕޫލުގެ ޒުވާން ޑިފެންޑާ އިބްރާހިމާ ކޮނާޓޭ ބުނެފިއެވެ.

ކޮނާޓޭ މިހެން ބުނެފައި މިވަނީ މިސީޒަން ނިމުމަށްފަހު ކްލޮޕް ލިވަޕޫލުގެ ކޯޗުކަމުން ވަކިވުމުން, ލިވަޕޫލުގެ ބައިވަރު ކުޅުންތެރިންތަކެއް ވެސް ކްލަބާ ވަކިވާނެ ކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

"އަހަރެންގެ ހިތުގައި އެއްވެސް ޝައްކެއް ނެތް އަހަރެން މިކްލަބުގައި މަޑު ކުރަން ބޭނުންވާ ކަމާ މެދު. އަހަރެން ބޭނުންވަނީ އެތައް އަހަރެއް ވަންދެން މިކްލަބަށް ކުޅެދީ, މިކްލަބަށް ކާމިޔާބީތަކެއް ހޯދަދިނުން" ފްރާންސްގެ ފުޓުބޯޅަ ޕްރޮގްރާމެއް ކަމުގައިވާ ޓެލެފޫޓުގައި ވާހަކަދައްކަމުން ކޮނާޓޭ ބުންޏެވެ.

ކޮނާޓޭ ލިވަޕޫލަށް ސޮއި ކުރީ 2021 ވަނަ އަހަރުގައެވެ. އޭރު ލެއިޕްޒިގްއަށް ކުޅެމުން އައި ކޮނާޓޭގެ ސޮއި ޔަގީންކުުރުމަށް ލިވަޕޫލުން ވަނީ 36 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. ލިވަޕޫލަށް ސޮއި ކުރި ފަހުން ކޮނާޓޭ އަންނަނީ އެޓީމުގެ ޑިފެންސް ލައިނުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އޭނާ ވަނީ މިހާ ތަނަށް ލިވަޕޫލަށް ސަތޭކައަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.