ފްރާންސްގެ މަޝްހޫރު ފުޓުބޯޅަ ފްރީސްޓައިލާ ޝޯން ގާނިއާ, ކަނޑިއްމަ މޯލްޑިވްސް ރިސޯޓުގައި އޭނާގެ މޮޅެތި ހުނަރުތައް ދައްކާލައިފިއެވެ.

ޗުއްޓީ ހޭދަކުރަން ކަނޑިއްމަ މޯލްޑިވްސްގައި ހުރި ޝޯން އޭނާގެ ހުނަރުތައް ދައްކާލީ އެރިސޯޓުގައި ކުރިއަށް ގެންދިޔަ ބީޗް އިވެންޓެއްގައެވެ.

އެއިވެންޓުގައި އޭނާ ވަނީ, އޭނާގެ މޮޅެތި އުކުޅުތަކުން ކުޅި ބަލަން ތިބި އެންމެން އާޝޯހުކޮށްލާފައެވެ. ޝޯން ވަނީ އެއިވެންޓުގައި ބައިވެރިވި އެހެން ފަތުރުވެރިންނަށް އޭނާއާ ދެކޮޅަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ވެސް ދީފައެވެ.

ކަނޑިއްމަ މޯލްޑިވްސްއަކީ ޝޯން ޗުއްޓީ ހޭދަކުރަން ވަރަށް ލޯބިކުރާ ރަށެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ވެސް އޭނާގެ އާއިލާއާ އެކީ ކަނޑިއްމަ މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފައެވެ. ޝޯން ހާމަކުރި ގޮތުގައި އެރިސޯޓަކީ އޭނާ ދެކޭ ގޮތުގައި ރާއްޖޭގައި އޮތް އެންމެ ރީތި ތަނެވެ. 2019 ވަނަ އަހަރު ވެސް ޝޯން ވަނީ ކަނޑިއްމަ ރިސޯޓުގައި ތިބި އެންމެނަށް އޭނާގެ ހުނަރުވެރިކަން ދައްކާލާފައެވެ.

ރާއްޖޭގައި ޝޯންގެ ހުނަރުވެރި އުކުޅުތައް ދައްކާލާފައިވާ ހަމައެކަނި ތަނަކީ ކަނޑިއްމަ މޯލްޑިވްސްއެއް ނޫނެވެ. ޝޯން ވަނީ 2011 ވަނަ އަހަރު މާލޭގެ އެކި ހިސާބުތަކުގެ އިތުރުން އއ.ރަސްދޫގައި އޭނާގެ ޝޯތަކެއް ބާއްވާފައެވެ. އެއަހަރު އޭނާ ޝޯތައް ކުރިޔަށް ގެންދިޔައީ 2010 ވަނަ އަހަރުގެ ފްރީސްޓައިލް ޗެމްޕިއަން ކަމުގައިވާ އަންޑްރޭސް ސެޓްކޮވިޗްއާ އެކުގައެވެ.