ކުރިއަށް އޮތް ހަ މަސްތެރޭގައި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި، ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަކީ ވެސް މި ސަރުކާރުގެ މުހިންމު ތަޞައްވުރެއް ކަމަށެވެ. އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތައް މާލޭގެ ހުޅަނގުން އޮތް ގުޅިފަޅުން މިހާރު ދަނީ ފެންނަމުން ކަމަށް ވިދާޅުވިއެވެ. މާލޭގައި ޤާއިމުކޮށްފައިވާ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ހިއްކަން ނިންމާފައިވާ ބިމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިދިޔަ އަހަރު އޮތީ ނިންމާފައެވެ.
"އެބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރު ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. ހަމައެއާއެކު، މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތް ވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްތެރޭގައި ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި ނުވާކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މިއަންނަނީ މަސައްކަތް ކުރަމުން،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައިސް އިތުރަށް ވިދާޅުވީ ޅ. ނައިފަރު، ބ. ތުޅާދޫ އަދި ތ. ތިމަރަފުށި މިއިން ކޮންމެ ރަށެއްގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ދަނީ ކުރިއަށް ކަމަށެވެ. މ. ކޮޅުފުށީގައި ވެސް މިފަދަ މަސައްކަތްތަކެއް ދާދި އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތަކުގެ ތެރެއިން 1,000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެފޯޑަބަލް ރޭންޖްގެ 2,000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު މި ހަފުތާގައި ބަޔަކާ ޙަވާލުކޮށްފިއެވެ. އެ މަސައްކަތް މެއި މަހު ފެށޭނެއެވެ. އަދި، އިތުރު 2,000 ޔުނިޓާއެކު، ޖުމުލަ 5,000 ޔުނިޓުގެ އަމަލީ މަސައްކަތް މާލެ ސަރަޙައްދުގައި މި އަހަރުގެ ތެރޭގައި ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ އިތުރު މަޝްރޫޢެއް ފެށުމުގެ ރޭވުންތައް ސަރުކާރުން މިހާރުދަނީ ރަވަމުންނެވެ.