ބަޔާންގެ ޒުވާން ފޯވާޑް މެތީސް ޓެލްގެ ކުރިމަގު ޔަގީންކުރުމުގެ މަސައްކަތް އެޓީމުން ފަށައިފިއެވެ.

އިތުބާރުހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި އިއްޔެގެ ވަގުތެއްގައި ޓެލްގެ އޭޖެންޓާ ބަޔާނުގެ ޑިރެކްޓަރު ކްރިސްޓޮފާ ފްރިއުންޑް ވަނީ ބައްދަލުކޮށް، ޓެލްގެ ކުރިމަގާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި، ޓެލް އެކްލަބުގައި މަޑުކުރަން އެޓީމުން އެދޭ ކަމަށް ފްރިއުންޑް ވަނީ ޓެލްގެ އޭޖެންޓަށް ހާމަކޮށްފައެވެ.

މިމީޓިން ކުރިޔަށް ގޮސްފައިމިވަނީ ޓެލް ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ޔުނައިޓެޑަށް ޓެލް ގެނައުމަށްޓަކައި، ޓެލްގެ އޭޖެންޓާ ޔުނައިޓެޑުން ވަނީ ވާހަކަދައްކާފައެވެ. ނަމަވެސް އިއްޔެ ކުރިޔަށް ގެންދިޔަ ބައްދަލުވުމަށްފަހު، ޔުނައިޓެޑުން ޓެލްގެ ސޮއި ހޯދުމަށް ކުރަމުންދާ މަސައްކަތަށް ނިމުމެއް އަންނާނެ ކަމަށް ނޫސްތަކުން ވަނީ ހާމަކޮށްފައެެވެ.

ފަބްރީޒިއޯ ހާމަކުރި ގޮތުގައި ޓެލްގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ވެސް ބަޔާނުން އަންނަނީ ކުރަމުންނެވެ.