ކްލަބުގެ މާލީ ބަޔާނުގައި ދޮގު މައުލޫމާތު އާއްމުކުރި ކަމުގެ ކުށުގައި އެވަޓޮންއަށް ދިން އަދަބު ލުއިކޮށްދީފިއެވެ.

އެވަޓޮން އެމައްސަލަ އިސްތިއުނާފަށް ހުށައެޅުމުން އެޓީމުގެ އަތުން އުނިކުރި 10 ޕޮއިންޓް، 6 ޕޮއިންޓަށް މަދުކުރުމަށް އެލީގުން ވަނީ ނިންމާފައެވެ. އެވަޓޮންގެ މައްސަލަ ބެލުމަށް އެކުލަވާލި ބޯޑުން ހާމަކުރި ގޮތުގައި އެވަޓޮން ކުރި ކުށުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު 10 ޕޮއިންޓަށްވުރެ، 6 ޕޮއިންޓު އުނިކުރުން މާ އެދެވިގެންވާ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، މާލީ ބަޔާނުގައި ސައްހަ ނޫން މައުލޫމާތު ހިމެނި ކަމުގެ ތުހުމަތުގައި 10 ޕޮއިންޓު ވަނީ އެވަޓޮންގެ އަތުން އުނިކޮށްފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ކްލަބަކަށް ދިން އެންމެ ހަރުކަށި އަދަބެވެ. މިއަދަބާއެކު، އޭރު 14 ވަނައިގައި އޮތް އެވަޓޮން ވަނީ ތާވަލުގެ 19 ވަނައަށް ވެއްޓިފައެވެ.

އެވަޓޮންއަށް ދިން އަދަބު ލުއި ކުރުމާއެކު އެޓީމުން ވަނީ އިންސާފު ލިބުމުން އުފާވާ ކަމަށް ހާމަކޮށްފައެވެ. އަދަބު ލުއި ކޮށްދިނުމާއެކު އެވަޓޮން ވަނީ ތާވަލުގެ 17 ވަނައިން 15 ވަނައަށް ޖެހިލައިފައެވެ.