މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން، މާލެއާއި އަތޮޅުތަކުގައި ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާ އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން މިއަދު ފެށި މި ޕްރޮގްރާމްގައި މަޖިލިސް އިންތިހާބާ ބެހޭ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި އިލެކްޝަންސްގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކުރީގެ އިންތިހާބުތަކުގެ މައުލޫމާތާއި، ވޯޓުލުމާއި، ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާތު ހިއްސާކުރާނެ ކަމަށާއި އަދި ކުރީގެ އިންތިހާބުތަކުގައި ދިމާވެފައިވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމުގެ އިތުރުން ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ މި ހިދުމަތުގެ މުދައްރިބުންނާއި އިލެކްޝަންސް ކޮމިޝަނުގެ ކަމާގުޅޭ މުދައްރިބުންނެވެ.

އަދި މި މަހު 28 ވަނަ ދުވަހު އޮންނަ ކުލާސްތަކުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުވެސް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ.