ކިލިއަން އެމްބާޕޭއާ ނުލައި ޕީއެސްޖީއިން ކުޅެން ދަސްކުރަން ޖެހޭ ކަމަށް އެކްލަބުގެ ކޯޗު ލުއީސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ މިހެން ބުނެފައިވަނީ ޕީއެސްޖީ އާއި ރެނެސް 1-1 އަކުން އެއްވަރުވި މެޗަށް ފަހު ދިން އިންޓަވިއުގައެވެ. އެމެޗުގައި އެންރީކޭ ވަނީ 65 ވަނަ މިނެޓުގައި, ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމުގައިވާ އެމްބާޕޭ ދަނޑުން ބާލުވާފައެވެ.

"އަހަރެން އެމްބާޕޭ ބޭލުވީ އޭނާ މިކްލަބު ދޫކޮށް ދިޔުމުން އޭނާއާ ނުލައި ކުޅެން ޓީމަށް ދަސްކޮށްދިނުމަށް" އެމްބާޕޭ ބޭލުވި ސަބަބާ ބެހޭ ގޮތުން ރިޕޯޓަރެއް އެހި ސުވާލަކަށް ޖަވާބު ދެމުން އެންރީކޭ ބުންޏެވެ.

މިމަހުގެ ކުރީ ކޮޅު އީއެސްޕީއެންއިން ވަނީ އެމްބާޕޭ މިސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ހާމަކޮށްފައެވެ. އެމްބާޕޭ ދެން އަންނަ ސީޒަނުގައި ސޮއި ކުރުން އެންމެ ގާތީ ސްޕެއިންގެ ގަދަ ބާރެއްކަމުގައިވާ ރެއާލް މެޑްރިޑަށެވެ.

އެމްބާޕޭ ވަނީ މިސީޒަނުގައި ޕީއެސްޖީއަށް ލީގުގައި 21 މެޗު ކުޅެދީ 21 ލަނޑު ޖަހާދީފައެވެ. އޭނާއަކީ މިސީޒަނުގައި ފްރެންޗް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާކަން ފާހަގަކޮށްލަން ޖެހެއެވެ.