މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ޔޫތުސެންޓަރެއް ގާއިމުކުރުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ މުހައްމަދު މުއިއްޒު އަރިހުން އެދިއްޖެއެވެ.

އެ ކައުންސިލުން އެކަމަށް އެދުނީ އުތުރުގެ އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ރޭ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މީގެއިތުރުން އެކައުންސިލުންވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ރަށު އެއާޕޯޓް ރަންވޭ ބޮޑުކުރުމަށާއި، އިސްލާމީ މަރުކަޒެއް ރަށުގައި ގާއިމު ކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެ އަތޮޅު ފަރުކޮޅުގައި އިކޯ ޓޫރިޒަމް ގާއިމު ކޮށްދެއްވުމަށްވެސް ކައުންސިލުގެ ފަރާތުން ވަނީ އެދިފައެވެ.

މީގެއިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، 'ވިމެންސް ސެންޓަރ' އެއް ގާއިމުކުރުމުގައި ސަރުކާރުން އެއްބާރުލުން ދެއްވުމަށް އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.