މ. އަތޮޅު މުލީގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާ ޙަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ނާރެހަކީ، ވަޔާއި ކަނޑުމަގުން ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމަކުން ރަށްތަކާއި އަތޮޅުތައް ގުޅައިލުން ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހއ. ހޯރަފުށީގައި އެއާޕޯޓެއް ތަރައްޤީކޮށް، ހުޅުވައި، ޚިދުމަތްދޭން ފަށައިފައެވެ. ކުރިއަށް އޮތީ، މިފަދަ އިތުރު ފަސް އެއާޕޯޓެއް ތަރައްޤީކޮށް، ވައިގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ އިތުރަށް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރެއިން 4 އެއާޕޯޓެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރުވަނީ އިއުލާން ކޮށްފައެވެ.

"މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ. ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދަތުރުވެރިންނާއި މުދާ އުފުލުމަށް ޚާއްޞަ "ހައި ސްޕީޑް" ފެރީގެ ނިޒާމެއް ޤާއިމުކުރުމުގެ ޕްލޭނެއް ކުރިއަށް އެބައޮތް ކަމަށެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިހާރު މިވަނީ ފަށައިފައި ކަމަށާއި ހުސްވި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.