ދ. މީދޫ ޕޮލިސް ސްޓޭޝަނާއި، މީދޫ ކައުންސިލް އިދާރާ އަދި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާވިސަސް ގުޅިގެން ދ. މީދޫ ރައްޔިތުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކަތެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހު 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ބަދިގޭގައި މަސައްކަތް ކުރާއިރު ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި، ރެގިއުލޭޓަރުގެ ވައްތަރުތައް، ގޭހުގެ ވައްތަރުތައް، ގޭސްފުޅީގެ ވައްތަރުތައް، ގޭސް ލީކުވާނަމަ އެކަން ދެނެގަންނާނެ ގޮތްތައް، އެފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ރަނގަޅު ގޮތްތައް އަދި ކޮށްގެންނުވާނެ ކަންކަމާއި، އުނދުން ރޯކޮށްގެން އުޅުމުގެ ތެރޭގައި ހެދޭ ގޯސްތަކާއި، އެފަދަ ގޯސްތައް މެދުވެރިވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

36 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިންނަށް މައުލޫމާތުދެއްވީ އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާވިސަސްގެ އިންސްޓްރަކްޓަރުންނެވެ.

މި ހަރަކާތް ނިންމައިލަމުން، މި ހަރަކާތްކުރިއަށް ގެންދިއުމުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާވިސަސްއާއި، މީދޫ ކައުންސިލް އިދާރާއާއި، ދ. އަތޮޅު މަދަރުސާއިން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުންގެ ފަރާތުން ޝުކުރުއަދާކޮށްފައިވެއެވެ.