އޮސްޓްރޭލިއާގެ ކްއިންސްލޭންޑްގައި ދިރިއުޅޭ އަންހެނަކަށް އޭނާގެ ގޭގެ ސިޑިމަތިން ހަފޫޓުގެ ޕައިތަންއެއް ފެނިއްޖެއެވެ.
އެ އަންހެން މީހާއަށް ހަރުފަ ފެނުމުން ބިރުން އެންމެ ފުރަތަމަ ވެސް ގެއިން ނިކުމެ ދޮރުތަޅުލިއެވެ. އަދި ހަރުފަ ހިފާ މީހެއްގެ އެހީއަށް އެދި ގުޅިއެވެ. ހަރުފަ ހިފާ މީހާއަށް ގެއަށް އާދެވުނުއިރު ހަރުފަ އޮތީ ކޮންމެސް ގޮތެއް ހޯދައިގެން ފާޚާނާ ތަށިތެރެއަށް ފައިބައެވެ. އެމީހާ ބުނި ގޮތުގައި ވިއްސާރަ ދުވަސްވަރު ހަރުފަތައް ހިމާޔަތް ހޯދަނީ މިފަދަ ތަންތަނުން ކަމަށެވެ.
އެމީހާ އިތުރަށް ބުނެފައިވާ ގޮތުގައި މި ހަރުފަ އެމީހުންނަށް ބިރުން ހަމަލާ ދޭން އުޅުނު ކަމަށެވެ. އެހެންނަމަވެސް އެ ހަމަލާއިން ސަލާމަތްވެ އޭތި ހިފަން އެހާ ފަސޭހަވީ އޭތި ވަދެއޮތް ތަނުގެ ސަބަބުން ކަމަށެވެ. ހަރުފަ އަތުލައިގަނެވުނެވެ. އެހެންނަމަވެސް އެ އަންހެން މީހާގެ ބިރު ނުކެނޑޭތީ އޭނާ ހަމަ ޖައްސުވަން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން ޖެހުނު ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނި ދޮންނަ މެޝިން، ފްރިޖް ފަދަ ތަންތަނުން ހަރުފަ ފެނިގެން ވަރަށް ގިނަ މީހުން ރިޕޯޓް ކުރާ ކަމަށެވެ. ނަމަވެސް ފާޚާނާ ތެރެއިން ހަރުފައެއް ފެނުމަކީ އާންމު ކަމެއް ނޫންކަމަށް އެމީހާ ބުންޏެވެ. ''ހިތަށް އަރަނީ އެ ހަރުފަ ފާހަނާތަށި ގަނޑުތެރެއިން ނުފެނުނުނަމަ އޭތީގެ ހަމަލާތައް ވަރުގަދަ ވާނެވަރު،'' ފާހަނާގެ ތެރެއިން ފެނުނު ހަރުފާއިގެ ބައެއް ފޮޓޯތައް އަޕްލޯޑޫކޮށް ކެޕްޝަންގައި އޭނާ މިހެން ޖަހާފައިއެވެ.
ގިނަ މީހުންތަކެއް މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވެއެވެ. އެކަކު ބުނެފައިވަނީ މިއީ އޭނާގެ އެންމެ ބޮޑު ''ޕެޓް ފިއާ'' ކަމަށެވެ. އަނެކަކު ބުނެފައިވާ ގޮތުގައި މިއީ ފާހަނާގެ ތަށިގަނޑުގެ މަތި ތިރިކޮށްފައި ހުންނަން ޖެހޭ އެއް ސަބަބު ކަމަށެވެ.
މި ހަރުފަ އަތުލައިގަތް ލޯރެންސް ބުނެފައިވަނި ކުރީ އަހަރުގެ ވިއްސާރަ މޫސުމާ އަޅައިބަލާއިރު މި އަހަރު ހަރުފަތައް ބިސްއަޅާފައިވާ ނިސްބަތުން ގިނަކަމަށާއި މި ކަމުގެ ސަބަބުން އެތަކެތި އެކި ސަރަހައްދު ތަކަށް ގިނައިން ގެންދަން ޖެހުނު ކަމަށެވެ. ހަރުފަތައް އެ އެއްޗެހި ދިރު އުޅޭ ގަސް ފަދަ ތަންތަން ދޫކޮށް އެހެންތަނަށް ދަނީ ތޫފާން އަންނަން ކަމުގެ ހިލަމެއް އެތަކެއްޗަށް ވާތީ ކަމަށް ވެއެވެ.
ވާރެވެހެން ފެށުމުން ހަރުފަތައް ހިމާޔަތް ހޯދަން މި ވަންނަނީ ގަރާޖު ނުވަތަ ހިޔާ ކޮށްފައި ހުންނަ ތަންތަނަށެވެ. މިހާރު ފާހަނާ ތެރެއިން ފެނުނު ހަރުފަވަނީ މީހުން އުޅޭ ސަރަހައްދާ ދުރު ތަނަކަށް ގެންގޮސަފައެވެ.