ލިވަޕޫލުގެ ޑިފެންޑަރު އޭންޑްރޫ ރޮބާޓްސަންއަށް ބަޔާނުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި ރޮބާޓްސަންއަކީ މިސީޒަން ނިމުމުން ބަޔާން ދޫކޮށްލާނެ ކަމަށް ބެލެވޭ އަލްފޮންސޯ ޑޭވިސްގެ ބަދަލުގައި އެކްލަބުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔާއެވެ. ދެން އަންނަ ސީޒަނުގައި ރެެއާލް މެޑްރިޑަށް ސޮއި ކުރާނެ ކަމަށް ބެލެވޭ ޑޭވިސްގެ ރޯލު އެންމެ ރަނގަޅަށް އަދާކުރެވޭނެ ކުޅުންތެރިޔެއް ކަމަށް އެކްލަބުން ފާހަގަކުރަނީ ރޮބާޓްސަންއެވެ.
ރޮބާޓްސަންއަކީ ލިވަޕޫލުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔެއް ކަމުން ބަޔާނަށް އޭނާގެ ސޮއި ޔަގީން ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތި ވާނެކަމަށް ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.
އިންޖަރީއަށްފަހު މިދިޔަ ޖެނުއަރީ މަހު ކުޅުމުގެ ތެރެއަށް އެނބުރި އައި ރޮބާޓްސަން އަންނަނީ ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް 300 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.