އިނގިރޭސި އެފްއޭ ކަޕުގައި ސައުތޭމްޓަން 3-0 އިން ބަލިކޮށް ފަސޭހަކަމާއެކު ކާމިޔާބުކޮށް ލިވަޕޫލް މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފިއެވެ.

ލިވަޕޫލުގެ އެންފިލްޑްގައި ކުޅުނު މެޗަށް ލިވަޕޫލުން ނިކުތީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް އަރުވައިގެންނެވެ. އެގޮތުން ލިވަޕޫލުން މެޗު ފެށީ ޒުވާން ލުވިސް ކޫމަސް އަދި ހާވީ އެލިއޮޓް ކުރިއަށް ލައިގެންނެވެ.

މެޗުގައި ލިވަޕޫލުގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން އެޓީމުން ވަނީ ސައުތޭމްޕްޓޮންގެ ގޯލަށް އެތައް ނުރައްކާތެރި ހަމަަލާއެއް ފޮނުވާލާފައެވެ. ލިވަޕޫލަށް މެޗުގައި ލީޑު ނެގުނީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލުވިސް ކޫމަސްއެވެ. ލުވިސްގެ ގޯލަކީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ލުވިސްގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއް ލަނޑު ސުން ލަނޑުން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޖޭޑެން ޑޭންސްއެވެ. މިލަނޑަކީ ޖޭޑެން ލިވަޕޫލަށް ކާމިޔާބު ކޮށްދިން އޭނާގެ ފުރަތަމަ ލަނޑެވެ. މެޗުގެ 88 ވަނަ މިނެޓުގައި ޑޭންސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލިވަޕޫލުގެ ލީޑު ތިން ގޯލަށް އިތުރުކޮށްދީފައެވެ.

މިލިބުނު މޮޅާއެކު ލިވަޕޫލުން ދެން ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. މުބާރާތައް އަލްވަދާއު ކިޔަން ޖެހުނު ސައުތޭމްޕްޓޮން ދެން ނިކުންނާނީ އިނގިރޭސި ދެވަމަ ޑިވިޝަނުގައި ބާމިންގްހަމްއާ ދެކޮޅަށެވެ.