އިޓާލިއަން ސިރިއާގައި އެޓަލަންޓާ އަދި އިންޓާ މިލާން ބައްދަލު ކުރި މެޗު 4-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު އިންޓާއިން ކާމިޔާބު ކޮށްފިއެވެ.
އިންޓާގެ ސޭންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ އިންޓާއިންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޓިއޯ ޑާމިއަންއެވެ. އިންޓާއިން އެޓީމުގެ ލީޑު ދެ ގޯލަށް ފުޅާ ކުރީ ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެޓީމުގެ ޓޮޕްސްކޯރަރު ކަމުގައިވާ ލައުޓާރޯ މާޓިނޭޒެވެ. މާޓިނޭޒްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އަކުން އިންޓާ ކުރީގައި އޮވެގެންނެވެ.
އިންޓާއިން އެޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައެވެ. މިލަނޑަކީ މާޓިނޭޒް ޖެހި ޕެނަލްޓީއެއް ކީޕަރު މަތަކުރުމުން އަނބުރާ އައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފެޑެރީކޯ ޑިމާކޯ ކާމިޔާބު ކުރި ލަނޑެކެވެ. އިންޓާއިން އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޑޭވިޑް ފްރަޓެސީއެވެ.
މިލިބުނު މޮޅާއެކު އިންޓާ ވަނީ ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމުނެ ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނޯ 57 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ އިންޓާ މިލާނުގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ އޭސީ މިލާނެވެ. އެޓީމުން ތިން ވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 53 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި އެޓަލަންޓާ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އެޓީމުން ފަސް ވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 46 ޕޮއިންޓާއެކުގައެވެ.