ސިރިއާގައި ނަޕޯލީ އަދި ސަސޫލޯ ބައްދަލުކުރި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށް, ނަޕޯލީއިން ސަސޫލޯ ލަދުގަންނުވާލައިފިއެވެ.
ސަސޫލޯގެ ދަނޑު ކަމުގައިވާ ސްޓޭޑިއޯ ސިޓާ ޑެލް ޓްރިކޯރޯގައި ބައްދަލު ކުރި މެޗުގައި ނަޕޯލީގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ސަސޫލޯއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުރޯސް ރަސިޗްއެވެ.
ސަސޫލޯއިން ލަނޑު ޖެހުމާއެކު ނަޕޯލީއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް, މެޗުގެ 29 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަމީރް ރަހްމާނީއެވެ. ނަޕޯލީއިން މެޗުގެ ނަތީޖާ އަނބުރާލީ އޭގެ ދެ މިނެޓު ފަހުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިކްޓާރ އޮސިމްހެންއެވެ. މެޗުގެ 41 ވަނަ މިނެޓުގައި އޮސިމްހެން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި, ނަޕޯލީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި އޮސިމްހެން ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނަޕޯލީގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަވިއްޗާ ކަވަރަސްކޭލާއެވެ. ކަވިއްޗާގެ ދެ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 51 ވަނަ މިނެޓާއި 75 ވަނަ މިނެޓުގައެވެ.
ލިބުނު ބޮޑު މޮޅާއެކު ނަޕޯލީ ވަނީ ކުޅުނު 26 މެޗުން 40 ޕޮއިންޓު ހޯދައި, އަށްވަނައިގައި އޮތް ލާޒިއޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. މެޗުން ބަލިވި ސަސޫލޯ އޮތީ ކުޅުނު 26 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ.