މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިންރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތިންމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މިމަހު 28 ވަނަ ދުވަހު ގދ. ތިނަދޫއިން ކަމަށެވެ. އަދި ތިނަދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮަޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާވަނީ ދޫކޮށްލާފައެވެ.
މީގެއިތުރުން ފުލުހުން ބުނީ މާލެއިން ކޫއްޑޫއަށް ވައިގެމަގުން ދަތުރުކުރާ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، މިމަހު 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޫއްޑޫއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ހަމައެއާއެކު މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. ހުޅުދެލިންވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ. މިމަހު 24 ވަނަ ދުވަހު ހުޅުދެލި ޕޮލިސް ޕޮލިސް ޕޯސްޓުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ރަށު ބަނދަރު ސަރަހައްދުން ފެނުނު 38 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.