ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކޮށްފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިލަދުންމަޑުލު ދެނުކުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ހުއްޓިފައި ހުރި މަޝްރޫއުތައް އަވަހަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ކެނދިކުޅުދޫގެ ފުއްޓަރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމާއި، ހައުސިންގ މަޝްރޫއަކީ ރައްޔިތުންނަށް އެންމެ މުހިންމުވާ މަޝްރޫޢުތައް ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫއާއި ޖޫނިއަރ ކޮލެޖުގެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް 'ސްޕޯޓްސް ޓޫރިޒަމް' ކުރިއެރުވުމަށް ސަރުކާރުން، ކައުންސިލަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ކުނި ނައްތާލުމުގެ މަސައްކަތުގައިވެސް ސަރުކާރުން އެހީތެރިކަން ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް، މަސް ވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ކައުންސިލުން ވަނީ 'އިކޯ-ޓޫރިޒަމް' ރަށުގައި ކުރިއަށްގެންދަވާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ކެނދިކުޅުދޫ ކައުންސިލުން ފާހަގަކުރެއްވި ފަތުރުވެރިކަމުގެ ކަންކަން ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ތެރެއިން ބައްލަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ކައުންސިލުން ފާހަގަކުރެއްވި އެހެން ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.