އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު: 2008/11 )އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލް ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ކެނދިކުޅުދޫގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަސްދީގުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށާ، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް އަމަލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި، ރޯދަމަހު މި އިންތިހާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިހާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެއާ މިއަދު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް، އަބަދުވެސް ގާނޫނުއަސާސީ ނަގަހައްޓަވާނެކަމަށާ، ކޮންމެ ކަމެއްވެސް ކުރައްވާނީ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.