ސިރިއާގައި އޭސީ މިލާން އަދި ލާޒިއޯ ބައްދަލު ކުރި ވާދަވެރި މެޗު, 1-0 އަކުން މިލާނު ކާމިޔާބު ކޮށްފިއެވެ.
ލާޒިއޯގެ ސްޓޭޑިއޯ އޮލިމްޕިކޯ ދަނޑުގައި ކުޅުނު މެޗަށް ދެޓީމުން ނިކުތްއިރު ދެޓީމަށް ވެސް ވަނީ ފަހަކަށް އައިސް އެހާ އެދެވޭ ފަދަ ނަތީޖާތަކެއް ނެރެވޭ ގޮތް ނުވެފައެވެ. ލާޒިއޯ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އޭސީ މިލާން ވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމުކެވެ. މެޗުގެ 55 ވަނަ މިނެޓުގައި ލާޒިއޯގެ ލޫކާ ޕެލެގްރިނީއަށް ދެއްކި ރަތް ކާޑާއެކު އެޓީމަށް ވަނީ ދިހަ ކުޅުންތެރިންނާއެކީ މެޗު ފުރިހަމަ ކުރަން ޖެހިފައެވެ.
މެޗުގައި މިލާނުން ޖެހި ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ 88 ވަނަ މިނެޓުގައެވެ. މިލަނޑަކީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ނޯއާ އޮކާފޯ ކާމިޔާބު ކުރި ލަނޑެކެވެ. ލާޒިއޯއަށް ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އެޓީމުގެ އިތުރު ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުންނެވެ. އެއާއެކު ލާޒިއޯއަށް މެޗު ނިންމާލަން ޖެހުނީ އެންމެ އަށް ކުޅުންތެރިންނާއެކުގައެވެ.
މިލާނަށް ލިބުނު މޮޅާއެކު އެޓީމުން ވަނީ ދެވަނައިގައި އޮތް ޔުވެންޓަސްއާ އޮތް ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަ ކޮށްފައެވެ. މިލާނުން ތިންވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 56 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު 26 މެޗުން ލިބުނު 57 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް އިންޓާ މިލާނަށް ވަނީ ކުޅުނު 26 މެޗުން 69 ޕޮއިންޓު ލިބިފައެވެ. މިމެޗުން ނާކާމިޔާބުވި ލާޒިއޯ އޮތީ, ކުޅުނު 27 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.