ބުންޑަސްލީގާގައި ބަޔާން މިއުނިކް އަދި ފްރެއިބާގް ބައްދަލު ކުރި މެޗު 2-2 ގެ ނަތީޖާއިން ފްރެއިބާގް ވަރުގަދަ ބަޔާން ހިފަހައްޓާލައިފިއެވެ.

ފްރެއިބާގްގެ ދަނޑު ކަމުގައިވާ ޔޫރޮޕާ ޕާކް ސްޓޭޑިއޮންގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ބަޔާނުންނެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި ކްރިސްޓިއަން ގުންޓާ ކާމިޔާބު ކުރި ލަނޑާއެކު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ފްރެއިބާގްއެވެ. ބަޔާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެތިސް ޓެލްއެވެ. ޓެލްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އަކުން ދެޓީމު އެއްވަރުވެގެންނެވެ.

ބަޔާނުން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޒުވާން ތަރި ޖަމާލް މުސިއާލާއެވެ. މުސިއާލާގެ ލަނޑާއެކު ފްރެއިބާގުން ވަނީ ކުޅުން ރަނގަޅު ކޮށް, ބަޔާނުގެ ގޯލަށް ވަރަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ހުލާއެވެ. ހުލާގެ ލަނޑާއެކު މެޗު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެގެންނެވެ.

މެޗުން އެއްވަރުވުމާއެކު ބަޔާން އޮތީ ކުޅުނު 24 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ބަޔާ ލެވަކޫސެންއެވެ. އެޓީމުން އެއްވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. ބަޔާން ހިފަހައްޓާލި ފްރެއިބާގް އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެޓީމަށް ވަނީ ކުޅުނު 24 މެޗުން 30 ޕޮއިންޓު ލިބިފައެވެ.