މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން 2 އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ. އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވާނެއެވެ.

ރައީސް ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.

މިދިޔަ ފެބްރުވަރީމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެއެވެ.

އަދި ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި މި އަތޮޅުތަކާ ރަށްރަށާ ސިޓީތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.