ފުޓުބޯޅައަށް ނޫކާޑު ތައާރަފު ކުރަން ފީފާއިން އެއްބަސް ނުވާނެ ކަމަށް ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ބުނެފިއެވެ.
ފުޓުބޯޅައިގެ ގަވާއިދު ހަދާ ބޯޑު ކަމުގައިވާ އައިފެބްއިން ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ނޫކާޑަކީ ކުދި ފައުލު ތަކަށް ބޭނުން ކުުރުމަށް އެބޯޑުން އެކުލަވާލި ކާޑެކެވެ. ރެފްރީ ނޫކާޑު ކުޅުންތެރިޔަކަށް ދައްކައިފިނަމަ އެކުޅުންތެރިޔާ 10 މިނެޓަށް ދަނޑުން ފައިބަން ޖެހޭނެއެވެ.
އަލަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކާޑައް އެކި ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އެތައް ބަޔަކު އަންނަނީ, އެކާޑަކީ ފުޓުބޯޅަ ހަލާކުކުރަން އުފައްދާ އެއްޗެއް ކަމަށް ވެސް ބުނަމުންނެވެ. މިހުރިހާ ފާޑުކިޔުންތައް ނޫކާޑައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ފީފާގެ ރައީސް އިންފަންޓީނޯ ވަނީ, އެކާޑު ފުޓުބޯޅައަށް ތައާރަފު ކުރަން ފީފާ އެއްބަސް ނުވާނެ ކަމަށް ހާމަކޮށްފައެވެ.
"ނޫކާޑު ފުޓުބޯޅައަށް ތައާރަފު ކުރަން ފީފާ އެއްގޮތަކަށް ވެސް އެއްބަހެއް ނޫން. ފީފާގެ ރައީސް ކަމަށް އަހަރެން ހުރިކަމުގައިވިއަސް އަހަންނަށް ވެސް އަންގާނުލާ އައިފެބްއިން އެކާޑު ތައާރަފު ކުރަން މަސައްކަތް ކުރަން ފެއްޓީ. އަހަރެން ދެކޭ ގޮތުގަ އައިފެބްގެ ނިންމުންތަކުގަ ފީފާއާ މަޝްވަރާ ކުރަން ޖެހޭނެ" ނޫކާޑާ މެދު ފީފާއިން ދެކޭ ގޮތް ހާމަކުރަމުން އިންފަންޓީނޯ ބުންޏެވެ.
ފީފާގެ ނުރުހުމުގައި ނޫކާޑު, ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ލީގުތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ރިޕޯޓުތަކުން އަންނަނީ ހާމަ ކުރަމުންނެެވެ. ފީފާގެ ރުހުން ނުލިބުމުން ނޫކާޑު ތައާރަފު ކުރެވޭތޯ އައިފެބްއިން ކުރަމުން އަންނަ މަސައްކަތައް އެއްކޮށް ހުއްޓާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.