މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ ތަރައްޤީއަށް އެންމެ މުހިންމު އެއްކަމަކީ އެރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުންކަމުގައި އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އަލިފުށީ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ކުނިމެނޭޖްކުރުމުގައި ކަރަންޓުދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ސިއްހީ ދާއިރާއިން ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އ.ތ.މ ކޮމިޓީން އެކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާ އަދި ޖުމްލަގޮތެއްގައި އ.ތމ. ކޮމިޓީތަކަށް އެކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށްއެކަށީގެންވާ މާހައުލެއް ނެތްކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ކަންކަން ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.