އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލު އަދި ނޮޓެންހަމް ފޮރެސްޓު ކުޅުނު މެޗު, 1-0 އިން ކާމިޔާބު ކޮށް ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ހަމަޖެހިލައިފިއެވެ.

ފޮރެސްޓްގެ ދަނޑު ކަމުގައިވާ ސިޓީ ގްރައުންޑް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ލިވަޕޫލުން ނިކުތްއިރު އެޓީމުން ފޮރެސްޓްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު 13 މެޗުގައި ވަނީ މޮޅުވެވޭ ގޮތް ނުވެފައެވެ. ލިވަޕޫލުން އަމިއްލަ ރަށުން ބޭރުގައި ޓީމެއްގެ އަތުން މޮޅުނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމަކީ ފޮރެސްޓެވެ.

ދެޓީމުން ބައްދަލު ކުރި މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައިރު ވެސް އެޓީމަށް ވަނީ, ފޮރެސްޓްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ އެންމެ ހުނަރުވެރި ދެ ކުޅުންތެރިން ކަމުގައިވާ ޑާވިން ނޫނޭޒްގެ އިތުރުން ޑޮމިނިކް ސްބޮޒްލާއީ އަރުވާފައެވެ. ދެވަނަ ހާފުގައި ޓީމަށް ގެނައި ބަދަލުތަކާއެކު ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް, ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ.

ލިވަޕޫލަށް ފޮރެސްޓްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި, މެޗުގައި ލީޑު ނެގުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ނޫނޭޒެވެ. ފަހު ވަގުތު ނޫނޭޒް ކާމިޔާބު ކުރި ލަނޑާއެކު ލިވަޕޫލުން ވަނީ 13 މެޗަށް ފަހު ފޮރެސްޓްގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށްފައެވެ.

މެޗުން މޮޅުވުމާއެކު ލިވަޕޫލަށް މިވަނީ ތާވަލިގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ލިބިފައެވެ. އެޓީމުން އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ކުރީ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. ސިޓީއިން ދެވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. މެޗުން ނާކާމިޔާބުވި ފޮރެސްޓް އޮތީ, ކުޅުނު 27 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.