މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ކޮމިޓީއާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ، ރ. މީދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން އިތުރުކުރެވެން އޮތް މިންވަރަކަށް ބިން އިތުރުކުރުމަށް އެދުމާއި ގޮދޮރުވެރިކަމުގެ ފުރުސަތު އިތުރުކުރުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމާއި ސްކޫލުގެ ތަރައްގީއަށް ކުރަންހުރި ކަންކަމާއި ރަށްގިރުމުގެ މައްސަލައާ ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުން އަދި މިހާރު ކުރިޔަށްދާ ބިނާރުގެ ބައެއް މަޝްރޫއުތަކާއި ގުޅޭގޮތުން ކައުންސިލުން ބޭނުންވާކަންކަން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްގީކުރުމުގެ މުހިންމުކަމާއި އަތޮޅަށް އާރު.ޓީ.އެލް ފެރީ ނިޒާމު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ އ.ތ.މ ކޮމިޓީން ވަނީ ޖުމްލަގޮތެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ބައެއް ދަތި މައްސަލަތައް ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.