އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެންދާންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވުމަށް ބޭނުންފުޅުވާކަމުގައެވެ.

އެގޮތުން އެމަނިކުފާނުގެ އަމާޒަކީ، ރައްޔިތުންނަށް ލިބޭ އާމްދަނީގެ ގޮތުންނާއި، ފުދުންތެރިކަމުގެ ގޮތުންނާއި، ގެދޮރުވެރިކަން ހާސިލްވެގެން ދިއުމުންނާއި، އިޖުތިމާއީ ގޮތުން އެ ލިބޭ ހިތްހަމަޖެހުމުން ލިބުމުންނާއި، އަދި ދަރިންގެ ކަންކަން ހާސިލުވުމުން އެ ލިބޭ އުފާވެރިކަމުންނާއި، އަދި ދިވެހިރާއްޖެ އޮތީ ސަލާމަތްތެރިކަމާއެކީ މިނިވަންކަންމަތީ އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަގީންވެގެން އެ ލިބޭ އިހުސާސުގެ މުއްސަނދިކަން އެންމެނަށް ލިބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދީ ތަރައްގީ ހާސިލްކުރުމަށްޓަކައި މުޅި ސަރުކާރުން މަސައްކަތް ކުރާކަމުގައި ފާހަގަކުރަވައި ރައީސް ވިދާޅުވީ މިހާރު ކޮންމެ ކައުންސިލަކަށްވެސް ފަޅުރަށެއް ނެގޭނެކަމުގައެވެ. އަދި އެ ފަޅުރަށަކީ ކޮންމެހެން ރަށާ އެންމެ ކައިރީގައި އޮންނަ ރަށަށް ވާން ނުޖެހޭކަމަށާއި، އެހެން ސަރަހައްދަކުންވެސް ބޭނުން ހިފިދާނެ ރަށެއް އޮތިއްޔާ އެ ރަށެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކައުންސިލްތަކަށް މި ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މީދޫގެ ތަރައްގީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ބިން ހިއްކުމާއި، ހޮސްޕިޓަލް ގާއިމުކުރުމާއި، ރައްޔިތުން ބޭނުންވާ ބޮޑު މިނުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް މީދޫގެ ރައްޔިތުންނަށް ގިނަ ކަންކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.