އުނގޫފާރު ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެ ރަށު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ.

އެ ކައުންސިލުން މިކަމަށް އެދިފައިވަނީ ރައީސް ޑރ. މުއިއްޒު، އުނގޫފާރު ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހައުސިންގ މަޝްރޫއެއް ހިންގަން ބޭނުންވާކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި އިތުރަށް 16 ކްލާސްރޫމެއް ބޭނުންވާކަން ހިމެނެއެވެ.

މީގެ އިތުރުން އިގްތިސާދީ މަސައްކަތް ކުރުމަށް އުނގުލު ހަމަޖައްސައިދެއްވުމަށް އެދުމާއި އުނގޫފާރުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ މުހިންމުކަމާއި އާރު.ޓީ.އެލް. ފެރީ ނިޒާމު ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ވަނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި ރަށުގެ އިގުތިސާދީ އިޖުތިމާއީ ތަރައްގީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ ހޭންޑްބޯލް ކޯޓެއްގެ އިތުރުން ފަތާ ސަރަހައްދެއް ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަންކަމަކީ ސަރުކާރުން ސަމާލުކަންދެއްވައިގެން ފުރިހަމަކޮށްދެއްވާނެ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.