ބުންޑަސްލީގާގައި ކޮލޮން އަދި ބަޔާ ލެވަކޫސަން ބައްދަލު ކުރި މެޗު 2-0 އަކުން ކާމިޔާބު ކޮށް, ލެވަކޫސަންއިން ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ކޮލޮންގެ ދަނޑު ކަމުގައިވާ ރެއިން އެނާޖީ ސްޓޭޑިއޮންގައި ކުޅުނު މެޗަށް ލެވަކޫސަންއިން ނިކުތްއިރު, އެޓީމުން އެންމެ ފަހުން ކުޅުނު 33 މެޗުގައި ވެސް ބަލިވެފައެއް ނުވެއެވެ. އެއާއެކު އެޓީމުން ވަނީ ޖަރުމަނު ޓީމެއް އެންމެ ގިނަ މެޗު ބަލިނުވެ ކުޅުނު ކަމުގެ ރެކޯޑު ހަދާފައެވެ.
މެޗު ފެށިގެން ލެވަކޫސަންއިން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. ލެވަކޫސަންގެ ހުނަރުވެރި ކުޅުންތެރިން ކައިރީގައި އެދެވޭ ފަދަ ކުޅުމެއް ނުދެއްކު ކޮލޮންއަށް ކަންތައްތައް ގޯހުން ގޯހަށް ދިޔައީ މެޗުގެ 14 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ސްޓްރައިކަރު ޔޭން ތީލްމެންއަށް ރަތް ކާޑު ދެއްކުމުންނެވެ. ޔޭންއަށް ދެއްކި ރަތް ކާޑާއެކު ކޮލޮންއަށް ވަނީ މެޗުގެ ބާކީ ބައި ދިހަ ކުޅުންތެރިންނާއެކީ ކުޅެން މަޖުބޫރުވެފައެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ކޮލޮންގެ ޑިފެންސް ލައިން ފޫއަޅުވާލައި, ލެވަކޫސަންއަށް މެޗުގައި ލީޑު ނެގުނީ 35 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރެމީ ފްރިމްޕޮންގެވެ. މެޗުގައި ލެވަކޫސަންއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސް ގްރިމަލްޑޯއެވެ. ގްރިމަލްޑޯގެ ލަނޑާއެކު ލެވަކޫސަން ވަނީ ދެގޯލުގެ ލީޑެއްގައި އޮވެ މެޗު ނިންމާލާފައެވެ.
މިމެޗުން މޮޅުވުމާއެކު ލެވަކޫސަންއަށް ވަނީ ތާވަލުގެ ދެވަނައިގައި އޮތް ބަޔާން މިއުނިކްއާ އޮތް ފަރަގު ދިހަ ޕޮއިންޓަށް އިތުރުކުރެވިފައެވެ. ލެވަކޫސަން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 64 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބަޔާނަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. މެޗުން ބަލިވި ކޮލޮން އޮތީ, ކުޅުނު 24 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.