ލަލީގާގައި އެޓްލެޓިކޯ މެޑްރިޑް އަދި ރެއާލް ބެޓިސް ބައްދަލު ކުރި ވާދަވެރި މެޗު 2-1 އަކުން އެޓްލެޓިކޯ ކާމިޔާބު ކޮށްފިއެވެ.
އެޓްލެޓިކޯގެ ދަނޑު ކަމުގައިވާ މެޓްރޮޕޯލިއަން ސްޓޭޑިއަމްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އެޓްލެޓިކޯއިންނެވެ. މިލަނޑަކީ, މެޗުގެ 8 ވަނަ މިނެޓުގައި ބެޓިސްގެ ގޯލްކީޕަރު ކަމުގައިވާ ރުއި ސިލްވާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 28 ވަނަ މިނެޓުގައި އެޓްލެޓިކޯއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ ސްޓްރައިކަރު އަލްވާރޯ މޮރާޓާ ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ކީޕަރު ސިލްވާ ވަނީ މަތަކޮށްފައެވެ.
އެޓްލެޓިކޯ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކުރީ މެޗުގެ 44 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޮރާޓާއެވެ. މޮރާޓާގެ ލަނޑާއެކު އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލީ 2-0 އަކުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބެޓިސްއިން ވަނީ ކުޅުން ރަނގަޅުކޮށް, ގޯލު ޖެހުމަށް އެތައް ފުރުސަތެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ވިލިއަމް ކަރަވަޅޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ބެޓިސްއިން ވަނީ އެޓްލެޓިކޯގެ ލީޑު ހަނިކޮށްފައެވެ. ނަމަވެސް ބެޓިސްއަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވުމާއެކު އެޓީމަށް މެޗު ނިންމާލަން ޖެހުނީ ހުސް އަތާއެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓްލެޓިކޯ މެޑްރިޑް އޮތީ ތާވަލުގެ 4 ވަނައިގައެވެ. އެޓީމުން ހަތަރުވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ނަމަވެސް ބާސާ އެއް މެޗު މަދުން ކުޅެފައިވާތީ ދެޓީމުގެ ދެމެދުގައި އޮތް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. މެޗުން ބަލިވި ބެޓިސް އޮތީ, ކުޅުނު 27 މެޗުން ލިބުނު 42 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.