އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު އަދި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗު ފަހަތުން އަރައި 3-1 އިން ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ސިޓީގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. ނަމަވެސް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި މިލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. މިލަނޑު އޭނާ ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ރަޝްފޯޑު ޔުނައިޓެޑަށް ލީޑު ނަގައިދިނިމާއެކު ސިޓީއިން ވަނީ އެޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ލަނޑެއް ޖެހުމަށް އެތައް ފުރުސަތެއް ފަހިކޮށްފަައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު ވަގުތުތަކުގެ ތެރޭގައި ސިޓީގެ ސްޓްރައިކަރު އާލިންގް ހާލަންޑްއަށް ހުސް ކޮށް ލިބުނު ފުރުސަތެއް އޭނާއަށް ވަނީ ގޯލަށް އަމާޒު ކުރެވޭ ގޮތް ނުވެފައެވެ. ފަހިކުރެވުނު ފުރުސަތުތަކުން ލަނޑެއް ކާމިޔާބު ނުކުރެވުމުން ސިޓީއަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ 1-0 އަކުން ފަހަތުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީއިން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 56 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. ފޯޑެން ވަނީ މެޗުގެ 80 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހައި ސިޓީގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ހާލަންޑް ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައިދީ އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މިމެޗަކީ 134 މެޗަށްފަހު ޔުނައިޓެޑުން ފުރަތަމަ ހާފުގައި ލީޑު ނަގާފައި އޮއްވާ އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ އެއްވަނައިގައި އޮތް ލިވަޕޫލާ އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ލިވަޕޫލުން އޮތީ ކުޅުނު 27 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ, ކުޅުނު 26 މެޗުން 58 ޕޮއިންޓެވެ. މެޗުން ނާކާމިޔާބުވި ޔުނައިޓެޑު އޮތީ, ކުޅުނު 27 މެޗުން ލިބުނު 44 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ.