ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ބ. ދޮންފަނު ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ އެންމެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރެެއްވައިިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ވަނީ ދޮންފަނު ރައްޔިތުންނަށް ޕިކްނިކު ދެވޭނެ ރަށެއް ހަމަޖައްސައިދިނުމައި ބޯހިޔާވަހިކަމަށް ބިން އިތުރުކުރުމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ލެބޯޓްރީގެ ހިދުމަތް ބޭނުންވާކަމަށާއި ފެނާ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގައި އިތުރު މެޝިނަރީ ބޭނުންވާކަމާ އަދި ގޯތިދިނުމުގެ ކަންކަން ފަހިކުރަންބޭނުންވާކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ކަމާގުޅުންހުރި އިދާރާތަކުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.