ގެދޮރު އިމާރާތްކުރުމަށް ލޯނު ހަމަޖައްސައިދިނުމަށް، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހު އެދިއްޖެއެވެ.
އެ ކައުންސިލުން މި ކަމަށް އެދިފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ ތަރައްގީގެ އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން ރައީސް ބ އަތޮޅު ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މީގެއިތުރުން ކައުންސިލުން ވަނީ އަތޮޅުފިހާރަތަކުގެ ކުލި ނުލިބޭ މައްސަލައާއި ބަޔޮސްފިޔަރ ރިޒާވް އަދި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި އަތޮޅު ކައުންސިލުގެ ދައުރު އޮންނަގޮތަށް ހަމަޖައްސަން ބޭނުންވާކަމަށާއި އަތޮޅުގައި އެކިކަންކަމަށް ދޫކޮށްފައިވާ ރަށްތަކުގެ މައުލޫމާތު އަތޮޅު ކައުންސިލާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އަތޮޅުކައުންސިލުން ވަނީ ފެރީނިޒާމު ޤާއިމުކުރުމާއި އަދި ކުނިމެނޭޖްކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުގައި ކުނިމެނޭޖްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަތޮޅު ކައުންސިލުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް އަތޮޅުކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުކަންތައްތައް އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއްދެއްވައިގެން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ