މި އަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ޔޫސް އޮފް ފޯސް ރިފްރެޝަރ ޕްރޮގްރާމް ފަށައިފިއެވެ.

ފުލުހުން ބުނީ މާރިޗު 3 އިން 7 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއވާ މި ޕްރޮގްރާމްގައި، ފުލުހުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރު ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެދަށަށް މީހުން ގެނައުމުގައި އަމަލުކުރާނޭ ގޮތުގެ އުކުޅުތައް އިތުރަށް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމް، ހދ. އަތޮޅުގެ ނުވަ ސްޓޭޝަންގެ ފުލުހުން ހިމެނޭ ގޮތަށް ކުޅުދުއްފުށި ސިޓީއާއި ހަނިމާދޫ އަދި މަކުނުދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.