މެންޗެސްޓާ ސިޓީގެ ޒުވާން ތަރި ކަމުގައިވާ ފިލް ފޮޑެންއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ ބުނެފައެވެ.

ގާޑިއޯލާ މިހެން ބުނެފައިވަނީ ރޭގައި ސިޓީއިން ޔުނައިޓެޑު އަތުން 3-1 އަކުން މޮޅުވި މެޗަށް ފަހު ދިން އިންޓަވިއުއެއްގައެވެ.

"އަހަރެން ދެކޭ ގޮތުގައި ފޮޑެންއަކީ މިވަގުތު މިލީގުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އަހަންނަށް އަބަދު ވެސް އެނގޭ ފޮޑެން ވަރަށް ގޯލާ ރައްޓެހިކަން. އެކަަމަކު މިހާރު އޭނާ އެއަންނަނީ އަހަރެމެނަށް މެޗުތައް ކާމިޔާބު ކޮށްދެމުން" ފޮޑެންގެ ހުނަރުވެރިކަމަށް ތައުރީފު ކުރަމުން ގާޑިއޯލާ ބުންޏެވެ.

ރޭގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ފޮޑެން ވަނީ މޮޅު ކުޅުމެއް ދައްކާ ސިޓީއަށް ދެގޯލު ކާމިޔާބު ކޮށްދީފައެވެ. އެއާކު އޭނާ ވަނީ މި ސީޒަނުގައި ސިޓީއަށް 18 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ އޭނާގެ ކެރިއަރުގައި އެންމެ ގިނައިން ލަނޑު ޖަހާފައިވާ ސީޒަނުކަން ފާހަގަ ކޮށްލަން ޖެހެއެވެ.