ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހިތާދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސއްހީ މަރުކަޒުގެ ޖާގައިގެން ދަތިކަން ހައްލުކޮށް ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ލެބޯޓްރީގެ ހިދުމަތް ތަރާފަރުކުރުމާއި ބަނދަރު މަރާމާތުކުރުމާއި ބީޗް ތަރައްގީކުރުމަށް ބޭނުންވާކަމާއި އަދި ޓޫރިޒަމް ޒޯނެއް ތަރައްގީކުރާއިރު އެސަހައްދަށް ފެނާ ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެދުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އާމްދަނީ ހޯދަން ބިމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.