މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލުން އެ ރަށުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ހިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހު އެދިއްޖެއެވެ.

އެ ކައުންސިލުން މި ކަމަށް އެދިފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއެކު ރަށުގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހިތާދޫ ކައުންސިލުގެ އިދާރާގައެވެ.

މީގެއިތުރުން އެކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭން ހުއްޓިފައިވާ ނުވަތަ މަޑުޖެހިފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށްގެންދަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތާއި ސްކޫލު ކްލާސްރޫމުތަކުގެ މަސައްކަތް އަދި މިސްކިތުގެ މަސައްކަތް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.