އެންމެ ކުރީގައި ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި އަތޮޅުވެރިކަމުގައި ތިއްބެވީ އުމުރުން ދުވަސްވެފައިވާ ބޭފުޅުންނެވެ. މި ކަން ބަދަލުވީ ވަރަށް ފަހުންނެވެ. މި ގޮތުން މެދު ރާއްޖެތެރޭގެ އަތޮޅަކަށް ޒުވާން އަތޮޅުވެރިޔަކު ހަމަޖެހުނު ދުވަސްވަރެކެވެ.

އަތޮޅު ވެރިކަމާއި ހަވާލުވެވަޑައިގެން މި ޒުވާން އަތޮޅުވެރިޔާ އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި ވަރަށްގިނަ ކަންކަމަށް ބަދަލުގެންނެވުމުގެ މަސައްކަތް ފެއްޓެވި އެވެ. އަތޮޅު އޮފީހުގެ މަސައްކަތްތަކާއި އަތޮޅުގޭގެ މަސައްކަތްތަކަށެވެ. މިގޮތުން އެއް ކަމަކީ ކޮފީއާއި ސައި އަމިއްލަ އަށް ތައްޔާރު ކުރުމަށް މުއަޒަފުންނަށް ބުނެދެއްވުމެވެ. ކައްކާފައި ތަރުމޯޒަށް އަޅާފައި ހުންނަ ހޫނު ފެން، ޖޯޑު ނޫނީ މަގަށް އަޅައިގެން ކޮފީ އާއި ސައި އަމިއްލަޔަށް ތައްޔާރު ކޮށްލައިގެން ބުއިމަކީ ޒަމާނީ ގޮތް ކަމަށް މުއައްޒަފުންނަށް ވިސްނައި ދެއްވިއެވެ.

ދުވަސްވަރަކީ ޕެކެޓް ސައިފަތާއި 3 އިން ވަން ކޮފީ ރާއްޖެ އަށް ތަޢާރަފުވި ދުވަސްވަރެވެ. މި ދުވަސްވަރު އަތޮޅުގެ ހުރިހާ ރަށަކުން ހިސާބު ދަތުރަށް ކަތީބުން ވަޑައިގެން ތިއްބެވިއެވެ. އަތޮޅު ވެރިޔާ ކަތީބުންނަށްވެސް އަމިއްލަޔަށް ކޮފީ އާއި ސައި ތައްޔާރު ކުރުމަށް އިރުޝާދު ދެއްވިއެވެ.

ހެނދުނުގެ ސަޔަށް ހުރިހާ ކަތީބުން ވަޑައިގެން މޭޒު ދޮށުގައި ތިއްބެވި ވަގުތެކެވެ. އެއްރަށެއްގެ ކަތީބު ސައިބޯ މަގަށް ހުސް ފެންއަޅުއްވައިގެން އިންނެވިތަން އަތޮޅުވެރިޔާ އަށް ފެނިވަޑައިގެންފިއެވެ. އަތޮޅުވެރިޔާ ވިދާޅުވިއެވެ. އިލިޔާސް ކަތީބު ހުސް ހޫނު ފެން ބައްލަވާ ދުވަހެއްތޯއެވެ؟ އިލިޔާސް ދެންނެވި އެވެ. ނޫނެކެވެ. ސައިފަތް ނުފެނިގެންނެވެ. އަތޮޅުވެރިޔާ އަލަމާރި ތެރޭގައިހުރި ފޮށްޓަށް އިޝާރާތް ކޮށްލައްވާފައި ސައިފަތް ދެއްކެވިއެވެ.

ސައި ބައްލަވަން ފައްޓަވާފައި އިލިޔާސް ކަތީބު ދޫ ނެރެ ކޮންމެވެސް އެއްޗެއް ދޫމަތިން ނަންގަވާތަން އެބަ ފެނެއެވެ. އިރުކޮޅަކުން ޓިޝޫ އެއްވެސް ނަންގަވައި "ޕުސް" ކިޔާފައި އަނގައިން އެއެއްޗެއް ނެރުއްވަން ފައްޓަވައި ފިއެވެ. މިތަން ބައްލަވަން އިންނަވާފައި އަތޮޅުވެރިޔާ ވިދާޅު ވިއެވެ. އިލިޔާސް ކަތީބު އަނގައިގައި ކޯޗެއް ތާށިވީ ތޯއެވެ؟ އިލިޔާސް ކަތީބު ދެންނެވިއެވެ. މި އުޅެނީ އަނގައިގައި ސައިފަތް ޖެހޭ ވަރުންނެވެ. މީ މާ ހިމުން ސައިފަތެކެވެ. އަތޮޅުވެރިޔާ ވިދާޅުވިއެވެ. ތިކަހަލަ ޕެކެޓްގައި ހުންނަ ސައިފަތް ކަނޑާ ނުލައި ފެންތައްޓަށް ލައި ސަފަތު ކުލަ ހިފަން ދެން ބާއްވާނީ އެވެ. ސައި ތަށި ރަތްވުމުން ޕެކެޓް ނަގައި އެއްލާ ލައްވާނީ އެވެ.

އަނެއްދުވަހު ސައިގަޑީގައި އަނެއްކާވެސް އިލިޔާސް ކަތީބު ޖޯޑަށް ފެން އަޅުއްވައިގެން ކުރިމަތީ ބަހައްޓަވައިގެން އެބަ އިންނެވި އެވެ. އަތޮޅުވެރިޔާ ވިދާޅުވިއެވެ. ބަލަ އިލިޔާސް ކަތީބު މިއަދު ކިހިނެއްވެފައިތޯއެވެ؟ އިލިޔާސް ކަތީބު ދެންނެވި އެވެ. މިއަދު މި އިނީ ކޮފީ ޕެކެޓް ޖޯޑަށް ލައިގެން ކުލަ ޖެހޭތޯއެވެ. އޭރު ޖޯޑު ތެރޭގައި 3 އިން 1 (three in one) ކޮފީ ޕެކެޓެއް އޮތެވެ. އަތޮޅުވެރިޔާ ވިދާޅުވިއެވެ. ކޮފީ ޕެކެޓް ކަނޑާފައި އެޅުއްވީމަ ނޫންތޯއޭ ކޮފީ ގިރުއްވޭނީ. އިލިޔާސް ކަތީބު ބުނުއްވިޔެވެ. އިއްޔެ ވިދާޅުވީމެއްނޫންތޯއޭ ޕެކެޓް ކަނޑާނުލައި ފެންތައްޓަށް ލާފައި ބޭއްވީމާ ކުލަ އަރާނެއޭ އެހެންވީމައި ވިދާޅުވި ގޮތަށް ޕެކެޓް ކަނޑާނުލައި ކުލަ އަރަންދެން މި އިނީއެވެ.