ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނަމަ، އެކަންކަން ބާރު ސްޕީޑުގައި ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު މާޅޮސްމަޑުލު އުތުރުބުރީ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިތާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި އެމަނިކުފާނު ކުލަޖައްސަވައި ދެއްވާނެކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަގީގީތަކަށް ހަދައިދެއްވާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބަނދަރުގެ މަޝްރޫއަށް ރައްޔިތުން ބޭނުންވާ ބަދަލުތައްގެނެސް އެ މަޝްރޫއު ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުޅިވަރުގެ ދާއިރާއާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ އެއާއެކު ދެންވެސް ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިތާދޫކީ، ރައީސް މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ހަވަނަ މަންޒިލެވެ.