ބުރުޒުމަގުން އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް އެމަޖެންސީއަށް ވަންނަ ސަރަހައްދުގެ މަގު މަރާމާތުކުރުން މިއަދު ކުރިއަށް ގެންގޮސްފި ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.

އާރްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އިސްވެރިންނާއި، އެ ހޮސްޕިޓަލާ މެދުގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން، އިމެޖެންސީ ހާލަތްތަކުގައި ބޭނުންކުރާ އެ ހޮސްޕިޓަލުގެ އިމެޖެންސީ ފަޅީގައި އެމްބިއުލާންސް ވަންނަ ދޮރު ކައިރީ މަރާމާތު ކުރަން ޖެހިފައިވާ ވާހަކާ ހިއްސާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެސަރަހައްދުގައި ހުރި ގާތަށް ނަގާ، ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމަށްފަހު ގާ އަތުރާ މަރާމާތު ކުރުމުގެ މަސައްކަތްވަނީ މިއަދު ކުރިއަށް ގެންދެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އާރްޑީސީން މި މަސައްކަތް ކުރިއަށް ގެންދަނީ ސީއެސްއާރު މަސައްކަތްތަކުގެ ދަށުންނެވެ. މީގެއިތުރުން އެ ކޯޕަރޭޝަނުން ވަނީ ސީއެސްއާރުގެ ދަށުން މާލެގެ އިތުރުން ރަށްރަށުގައިވެސް އެކި މަސައްކަތް ކޮށްފައެވެ.