ލިވަޕޫލުން ނުރުހުނު ކަމުގައިވިއަސް މުހައްމަދު ސަލާހު, މިސްރުން މިމަހުގެ ތެރޭގައި ކުޅޭ ވިންސްޔުނައިޓެޑު ކަޕުގައި, އެޓީމުގެ ސްކޮޑުގައި ހިމަނާނަން ކަމަށް މިސްރުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

މިސްރުގެ އެފްއޭއިން މިހެން ބުނެފައިވަނީ ލިވަޕޫލުން އެފެޑެރޭޝަނަށް, ސަލާހު މިސްރުގެ ގައުމީ ޓީމުގައި ނުހިމެނުމަށް އެދި ސިޓީއެއް ފޮނުވުމުންނެވެ. ނަމަވެސް މިސްރުގެ އެފްއޭއިން ވަނީ ލިވަޕޫލުން އެހެން އެދުނު ކަމުގައިވިއަސް, ސަލާހު މިސްރުގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާނެ ކަމަށް ބުނެފައެވެ.

"އަހަރެމެނަށް ވަނީ ލިވަޕޫލުގެ ފަރާތުން ސަލާހު ގައުމީ ޓީމުގެ ސްކޮޑުގައި ނުހިމެނުމަށް އެދި ސިޓީއެއް ލިބިފަ. ނަމަވެސް ގައުމީ ޓީމުގެ މެޗުތަކަށް ހާއްސަ ކުރެވިފައިވާ ދުވަސްތަކުގައި ޓީމަށް ކުޅުންތެރިން ނެގުމުގެ ހައްގު އަހަރެމެނަށް އޮވޭ. އިންޖަރީގެ ސަބަބުން ކުޅުންތެރިޔެއް ނުހިމަނާ ކަމުގައިވާ ނަމަ އެކަމާ މެދު ގޮތެއް ނިންމާނީ ގައުމީ ޓީމުގެ ޓެކްނިކަލް ސަޓާފުން" ސަލާހާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި މިސްރުގެ އެފްއޭއިން ބުންޏެވެ.

ސަލާހު މިވަގުތު ހުރީ އޭނާގެ ފަޔަށް ލިބިފައިވާ އިންޖަރީއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. އޭނާ އިންޖަރީ ވެފައިވަނީ ލިވަޕޫލުން ބްރެންޓްފޯޑާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުޅުނު މެޗުގައެވެ. ސަލާހަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ޔަގީން ތާރީހެއް އެކްލަބުން ހާމަކޮށްފައެއް ނުވެއެވެ.