އެއް އިންސާނެއްގެ ގައިން ގުނަވަން ނަގައި އަނެއް އިންސާނެއްގެ ގައިގައި އިންދުމަކީ މިޒަމާނުގައި ފާޅުވެފައިވާ އާ ކަމެކެވެ. މިސާލަކަށް ދިރިހުރި މީހެއްގެ ކިޑްނީ، ނުވަތަ އެނޫންވެސް އެހެން ގުނަވަނެއް ނަގައި އެހެން މީހެއްގެ ގައިގައި އިންދައެވެ. މީގެ ދީނީ ޙުކުމަކީ ކޮބައިބާވައެވެ؟

މިކަމުގެ ޞަރީޙަ ޙުކުމެއް ފެންނަން ނެތުމުން މިޒަމާނުގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލިސްތަކުން ވަނީ ދީނުގެ މަޞްދަރުތަކުގެ އަލީގައި އިޖުތިހާދުކޮށް ފަތުވާ ނެރުއްވާފައެވެ. ގުނަވަން އިންދުމުގެ މައްސަލައިގައި ޙުކުމެއް ނެރުއްވުމަށް އިސްލާމީ އެންމެ ބޮޑު އެއް މުއައްސަސާ ކަމުގައިވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ ދަންނަބޭކަލުންގެ މަޖިލީހުން 19- 28 ޖަނަވަރީ 1985މ. ވަނަ އަހަރު ބޭއްވި ބައްދަލުވުމުގައި އިޖުތިހާދުކޮށް ފަތުވާއެއް ނެރުއްވާފައިވެއެވެ. އެފަތުވާގައި އަންނަނިވި ގޮތައް މި މައްސަލައިގެ ޙުކުމް އައިސްފައިވެއެވެ.

އެކެއް:

ދިރިހުރި އިންސާނެއްގެ ގައިން ގުނަވަނެއް ނަގައި، މަޖުބޫރީ ޙާލަތެއް ދިމާވެފައިވާ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ނުވަތަ އޭނާގެ އަސާސީ ގުނަވަންތަކުގެ ނިޒާމު ދެމެހެއްޓުމަށްޓަކައި އޭނާގެ ގައިގައި އިންދުމަކީ ހުއްދަވެގެންވާ ކަމެކެވެ. މިއީ އެގުނަވަން ނެގުނު މީހާގެ ކަރާމަތައް އުނިކަމެއް ލިބިގެންނުވާކަމެކެވެ. އަދި މިއީ އެގުނަވަން އިންދެވުނު މީހާއަށް ވާ ވަރަށް ބޮޑު މަޞްލަޙަތަކާއި، ދެވުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ. މިއީ ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް އަންނަނިވި ޝަރުޠު ތަކާ އެކުގައެވެ.

1- އެމީހެއްގެ ގައިން އެ ގުވަން ނެގޭ މީހާގެ ފުރާނައަށް އެ ގުނަވަނެއް ނެގުމުގެ ސަބަބުން ގެއްލުމެއް ނުވުން. އެހެނީ ޝަރުޢީ ޤަވާޢިދުގައި ވާގޮތުން "ގެއްލުމެއް، ނުވަތަ އެއަށް ވުރެ ބޮޑު ގެއްލުމަކުން ގެއްލުމެއް ފިލުވައެއް ނުލެވޭނެއެވެ" އެގުނަވަން ނެގުމުގެ ސަބަބުން އެމީހާގެ ފުރާނައަށް ގެއްލުމެއް ލިބޭނަމަ، އެއީ އަމިއްލަ އަތުން ފުރާނަ ހަލާކުގެ ތެރެއަށް ވައްޓާލުން ފަދަ ކަމެކެވެ. މިއީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ކަމެއްނޫނެވެ.

2- ގުނަވަން ދޭމީހާ ގުނަވަން ދޭންވާނީ އެއްވެސް މަޖްބޫރު ކަމެއް ނެތި، އެއްވެސް ބަދަލަކާ ( އަގަކާއި ) ނުލައި ދީލަތި އެހީއެއްގެ ގޮތުގައެވެ.

3- ގުނަވަން އިނދުން އެއީ ގުނަވަން ދެވޭ ބަލި މީހާ ދިރިހުރުމަށްޓަކައި އޮތް ހަމަ އެކަނި ފަރުވާލިބިދާނޭ ވަސީލަތައް ވުން.

4- ގުނަވަން ނެގުމަށާއި، ގުނަވަން އިންދުމަށް ކުރެވޭ އޮޕްރޭޝަން ޢާއްމު ގޮތެއްގައި، ނުވަތަ ގިނަ ފަހަރު ކާމިޔާބު ވުން.

ދޭއް: އަންނަނިވި ޙާލަތްތަކުގައި އައުލަވީ ގޮތުން ހުއްދައެވެ.

1- މަޖްބޫރީ ޙާލަތެއް ދިމާވެފައިވާ ދިރިހުރިމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް، މަރުވެފައިވާ މީހެއްގެ ގުނަވަނެއް ބޭނުން ކުރެވޭނީ، މައްޔިތާ އަކީ މުކައްލަފަލަށް ވެފައި އޭނާގެ ޙަޔާތުގައި މަރުވުމުގެ ކުރީން އެކަމަށް އިޛުނަ ދީފައިވާ ނަމައެވެ.

2- މަސްކެއުން ހުއްދަ، ނުވަތަ ކަތިލެވޭ، ނުވަތަ މަޖްބޫރީ ޙާލަތެއްގައި އެނޫން ޖަނަވާރެއްގެ ގުނަވަނެއް މަޖްބޫރު ވެފައިވާ އިންސާނެއްގެ ގައިގައި އިންދިދާނެއެވެ.

3- ހަށިގަނޑުގެ ތަނަކުން ބައެއް ( މަސްގަނޑެއް ނުވަތަ ކަށިގަނޑެއް) ހަށިގަނޑުގެ އެހެންތަކެއްގައި ހުރި ޢައިބެއް ފިލުވާލުމަށް ބޭނުންވެއްޖެ ހިނދެއްގައި ހުއްދަވެގެން ވެއެވެ.

4- ބަލި ޙާލު ފިލުވާލުމަށްޓަކައި މަޢުދަނަކުން ނުވަތަ އެނޫން މާއްދާއަކުން އުފައްދާފައިވާ ގުނަވަނެއް، ނުވަތަ ވަސީލަތެއް އިންސާނާގެ ގައިގައި އިންދުމަކީ ވެސް ހުއްދަކަމެކެވެ. މިސާލަކަށް ހިތުގެ ކަންކަމަށް ނުވަތަ ހުޅުހުޅުގެ ބަލިތަކަށް ފަރުވާ ކުރުމުގައެވެ.

އިސްވެދިޔަ ގޮތްތައް ހުއްދަވާނީ އެއާއެކު ބަޔާންކުރެވިފައިވާ ޝަރުޠުތަކާ އެކުގައި ކަމަށް ދަންނަބޭކަލުންގެ މަޖިލީހުން ބަޔާންކުރައްވާފައިވެއެވެ.

ރާބިޠާގެ ދަންނަބޭކަލުންގެ މަޖިލީހުން މި ފަތުވާ ނެރުއްވުމަށް ކުރެއްވި މަޝްވަރާގައި އިސްލާމީ އިތުބާރު ހުރި މެޑިކަލް ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެޑިޓަރުގެ ނޯޓު:

މިއީ ނޫރުލް އިސްލާމް ވެބްސައިޓުން ނަަގައިފައިވާ ލިޔުމެކެވެ. މި ލިޔުން މި ނޫހުގައި ޝާއިއު މިކުރީ ނޫރުލް އިސްލާމްގެެ އެޑިޓަރ އައްޝައިޚް މުޙައްމަދު އަނީލް ގެ ހުއްދަ ލިބިގެެންނެވެ.