ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ރަސްމީ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ކޮމިޝަނަރގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސައުތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމް، މި ހިދުމަތުގެ ސްޕޯކްސްޕާސަން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލައްވައެވެ.

ކޮމިޝަނަރ އަލީ ޝުޖާއުގެ މި ދަތުރުފުޅުގައި، މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުުހުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވައި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ފުވައްމުލައް ސިޓީންނެވެ.