ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހު ބުނެފިއެވެ.

ކުޑަރިކިލު ކައުންސިލުން މި ކަމަށް އެދިފައިވަނީ ރައީސް ޑރ، މުއިއްޒު އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއިމަޝްވަރާކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާގެ ޖާގައިގެން ދަތިކަމާއި އައު މިސްކިތެއްގެ މުހިންމުކަން ހިމެނެއެވެ. އަދި ކުޑަރިކިލު އަންހެނުންގެ ކޮމިޓީން ވަނީ ޖަލްސާކުރާ މާލަމެއްގެ އިތުރުން އެކޮމިޓީގެ ބޭނުންތަކަށް ވަކި ހާއްސަ ތަނެއް ހުރުމުގެ މުހިންމުކަމާއި ލުއި ލޯނު ދޫކުރުމަށް މަގުފަހިކޮށްދިނުންފަދަ ކަންތައްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރަށްތަކަށް ތަރައްގީ ގެނަސްދެއްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެންކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލާ އ.ތ.މ. ކޮމެޓީއިން އެދިވަޑައިގަތް ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.